12/05/2026
ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހުގެ ތަހުނިޔާ
މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނަރުހުންގެ ދުވަހެވެ. މި މުނާސަބަތުގައި، ވިލިމާލެ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ އެންމެހައި ލޮބުވެތި ނަރުހުންނަށާއި، ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ފައިދާހުރި ޚިދުމަތުގައި ދެމިތިއްބެވި ހުރިހާ ނަރުހުންނަށް ވިލިމާލެ ހޮސްޕިޓަލް ރެކްރިއޭޝަން ކްލަބުގެ ފަރާތުން ނުހަނު އިޚުލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
ނަރުހުންނަކީ ސިއްޙީ ޚިދުމަތުގެ ދާއިރާގެ އެންމެ ވަރުގަދަ ތަނބެވެ. ބަލިމީހުންނަށް ބޭނުންވާ ފަރުވާއާއި، އޯގާތެރިކަމާއި، އަޅާލުން ފޯރުކޮށްދިނުމުގައި ތިޔަ ކުރައްވާ ބުރަ މަސައްކަތަކީ އަގުނުކުރެވޭނެ ފަދަ މަތިވެރި ޚިދުމަތެކެވެ. އިސްލާމީ ރިވެތި އަޚުލާޤުގެ މަތީގައި ތިބެ، ކެތްތެރިކަމާއެކު ރޭދުވާ ތަފާތުކުރުމެއް ނެތި ތިޔަ ދެއްވާ ޚިދުމަތަކީ މުޅި މުޖުތަމަޢު އެކަމަށްޓަކައި ފަޚުރުވެރިވާ ކަމެކެވެ.
އަޅުގަނޑުމެންގެ ދުޢާއަކީ، ނަރުހުން ތިޔަ ކުރައްވާ މަތިވެރި މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވައި، ތިޔަބޭފުޅުންނަށް ދުޅަހެޔޮކަމާއި ސާބިތުކަން މިންވަރުކުރެއްވުމެވެ. އަދި ކުރިމަގުގައިވެސް ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ތަރައްޤީކުރުމުގައި ނަރުހުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދިއުމެވެ.
ހުރިހާ ނަރުހުންނަށް އުފާވެރި ނަރުހުންގެ ދުވަހަކަށް އެދެމެވެ!